އަރިއުތުރު އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ތޮއްޑޫއަށް.

Nov 27, 2022 / މަރުހަބާ ތޮއްޑޫ އަންހެން ވޮލީ ޓީމް
#

އއ.އަތޮޅު އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތޮއްޑޫ އަންހެން ވޮލީ ޓީމު ހޯދައިފިއެވެ.

އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު ކައުންސިލްއިން އިންތިޒާމްކޮށްގެން ތޮއްޑޫގައި ބޭއްވި މި ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތޮއްޑޫއިން ހޯދީ، 21/11/2022 ހޯމަ ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗްގައި އއ.ރަސްދޫގެ މައްޗަށް 3 ސެޓް 1 ސެޓުން ކުރި ހޯދައިގެންނެވެ.

ނޮވެމްބަރ 17 އިން 21 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 4 ރަށަކުން ވަނީ ބައިވެރިވެފައެވެ. އެއީ ތޮއްޑޫގެ އިތުރުން ރަސްދޫ، މަތިވެރި އަދި ބޮޑުފޮޅުދޫއެވެ.

ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލްގައި ކުޅޭގޮތަށް ރޭވިގެން ކުރިއަށްދިޔަ މި މުބާރާތް ނިމުމުން ޗެމްޕިއަން ޓީމަށް ތަށި ވަނީ ޙަވާލުކޮށްްފައެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިންނަށް ޓްރޮފީ ޙަވާލުކޮށްފައި ވެއެވެ.