ކައުންސިލް

ކައުންސިލްގެ މަސްޢޫލިއްޔަތު


23 ވަނަ މާއްދާ - ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް.

ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.

(ހ) ގާނޫނުއަސާސީއާއި ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްގީކޮށް، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ހިދުމަތްތައް ދިނުން.

(ށ) ރައްޔިތުންގެ ބައިވެރިވުމާއެކު ރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލައި، މިގޮތުން އެކުލަވާލެވޭ ރަށުގެ ތަރައްގީގެ ޕްލޭން އަތޮޅު ކައުންސިލަށް ފޮނުވުން.

(ނ) ރަށު ކައުންސިލުން އެކުލަވާލައި އަތޮޅު ކައުންސިލަށް ފޮނުވާ ތަރައްގީގެ ޕްލޭނަށް ރިއާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަށްރޫއުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަންފީޒުކުރުމަށް ރަށު ކައުންސިލާ ސަރުކާރުން ހަވާލުކުރާ ތަރައްގީގެ މަށްރޫއުތައް މި ގާނޫނުގައިވާ ގޮތުގެމަތިން ތަންފީޒުކުރުން.

(ރ) ތަރައްގީގެ އެކިއެކި މަށްރޫއުތައް ހިނގާނުހިނގާގޮތް ބެލުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށާއި އަތޮޅު ކައުންސިލަށް އެހީތެރިވެދީ، ތަރައްގީގެ މަށްރޫއުތައް ތަންފީޒުކުރުމުގައި އަތޮޅު ކައުންސިލަށް ޖަވާބުދާރީވެ، މިނިސްޓްރީތަކުންނާއި އަތޮޅު ކައުންސިލުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.

(ބ) މި ގާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި  މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައަޅައި އެއާގުޅޭ ގަވާއިދު ހަދައި ހިންގުން.

(ޅ) މި ގާނޫނުގެ ދަށުން ރަށު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ރަށު ރައްޔިތުންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.

(ކ) ރަށު ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.

(އ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި އެހެނިހެން ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށްދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.

(ވ) އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުށާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުގެ ބިމާބެހޭ ގައުމީ އިދާރާއިން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ފަޅާއި ބިން އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުން.

(މ) އިގްތިސާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައިހުންނަ މިފަދަ ތަކެތި، މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެންފަރާތް ފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުން.

(ފ) ތަރައްގީގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން  ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ހައްގުތަކާއި މަސްލަހަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.

(ދ) ކައުންސިލްގެ މެންބަރުން ބަދަލުވާ ހާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ހާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.

(ތ) ކައުންސިލުން ދޭ ހިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ހިދުމަތްތަކަށް މި ގާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.

(ލ) މީހުންގެ އަމިއްލަ ބިންތަކާއި މުދާ އާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދުލުވެރި ބަދަލު ދިނުމަށްފަހު އެފަދަ ތަންތަން ނެގުން.

(ގ) ކައުންސިލްގެ ބެލުމުގެ ދަށުން ހިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި ރަށުގެ މަގުތަކާއި، ޕާކު ފަދަ އާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.

(ޏ) ރަށްރަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.

(ސ) ރަށުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

(ޑ) މި ގާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

(ޒ) ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.

(ޓ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ފަރާއި، ފަޅުފަދަ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުން.

(ޔ) ރަށުގައި އަމާން އަދި ސުލްހަވެރި ވެއްޓެއް ގާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.

(ޕ) ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން ނުވަތަ ކައުންސިލްގެ ދާއިރާގައި އެއްވެސް މީހަކު ގާނޫނާ ހިލާފު އަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަހްގީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.

(ޖ) ރަށު ކައުންސިލްގެ އިދާރާ ހިންގުން.

(ޗ) ގާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.