ކައުންސިލް

ކައުންސިލުން ދޭ ޙިދުމަތްތައް

ރަށު ކައުންސިލުން ދޭ ހިދުމަތްތައް

މި ގާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ބާރާއި މަސްއޫލިއްޔަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގެ ރައްޔިތުންނަށް ތިރީގައި ބަޔާންކޮށްފައިވާ ރަށްވެހިކަމުގެ ހިދުމަތްތައް ރަށު ކައުންސިލުން ދޭންވާނެއެވެ.


(ހ) ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.

(ށ) އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން.

(ނ) ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.

(ރ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.

(ބ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާ، ފެނާ، ފާހާނާއާއި ނަރުދަމާގެ ނިޒާމު ފަދަ އާންމު ހިދުމަތް ހިންގައި ބެލެހެއްޓުން.

(ޅ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތް ކެއަރއާއި ސިއްހީ ރައްކާތެރިކަމާގުޅޭ އަސާސީ ހިދުމަތްތައް ދިނުން.

(ކ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީ ސްކޫލްގެ ހިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތައުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

(އ) ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލިޔުންތައް އަރުށީފުކުރުމާއި ރަށުގެ ތާރީހީ އަދި ގަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މައުލޫމާތު ލިބޭނޭ އިންތިޒާމު ގާއިމްކުރުން.

(ވ) އިޖްތިމާއީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ އާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި އާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ހިދުމަތްތައް ފޯރުކޮށްދިނުން.

(މ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިޖްތިމާއީ ރައްކާތެރިކަމުގެ ހިދުމަތް ދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ އަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުން.

(ފ) ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތައާރުޒުނުވާ ގޮތުގެމަތިން، ރަށުން ބިން ދޫކުރުމާއި ބިމާއި އިމާރާތް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ރަށުގައި އިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާ ގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުއާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނާއި މިނޫންވެސް ގާނޫނުތަކުގައިވާ ގޮތުގެމަތިން ބެލެހެއްޓުން.

(ދ) ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ގައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މައުލޫމާތު ފޯރުކޮށްދިނުން.

(ތ) މިސްކިތްތައް ބެލެހެއްޓުން.

(ލ) ގަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ގާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.

(ގ) އާސާރީ ތަންތަން ބެލެހެއްޓުމާއި ސަގާފީ ކަންކަން ދިރުވައި ދެމެހެއްޓުން.

(ޏ) ދީނީ ގޮތުންނާއި ގައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ގައުމީ އިހްތިފާލުތައް ބޭއްވުން.

(ސ) މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން

(ޑ) ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.

(ޒ) ޕެސްޓް ކޮންޓްރޯލްކުރުން.

(ޓ) ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމްކުރުން.

(ޔ) ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި އާންމު މާރުކޭޓުތަކުގެ ކަންކަން، ހުރޭތޯ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން.

(ޕ) މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނުނުލާއެއްޗެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، އާންމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ހިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.

(ޖ) ށަރުއީ ކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒުކުރުމުގައި ށަރުއީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން.

(ޗ) ރަށު ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ގާނޫނުތަކުގެ ދަށުން ރަށު ކައުންސިލާ ހަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާތިލުކުރުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި ބާތިލުކުރުން.

(ހހ) އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

(ހށ) ރަށު ކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ގާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ހިދުމަތްތައް ދިނުން.