ތޮއްޑޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފުތިތާހުކޮށް، އަލިފާން ނިވާ ޕަމްޕް ސިސްޓަމެއް ހަދިޔާކުރައްވައިފި.

Dec 4, 2022
#

އއ.ތޮއްޑޫގައި އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމް އިފުތިތާހުކޮށް، އެމްއެންޑީއެފްގެ ފަރާތުން އެ ރަށަށް އަލިފާން ނިވާ ޕަމްޕު ސިސްޓަމެއް ހަދިޔާކުރައްވައިފިއެވެ.


ޑިސެންބަރު 3 ވަނަ ދުވަހު އއ.ތޮއްޑޫގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެމްއެންޑީއެފްގެ ފަރާތުން އަލިފާން ނިވާ ޕަމްޕް ސިސްޓަމް އެ ރަށުގެ ކައުންސިލް އިދާރާއާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އަދި ތޮއްޑޫ ކައުންސިލް އިދާރާގެ ފަރާތުން ޕަމްޕް ސިސްޓަމާ ހަވާލުވެލެއްވީ ތޮއްޑޫ ކައުންސިލުގެ ރައީސް، އަޙްމަދު ކަރަމްއެވެ.


ތޮއްޑޫގައި އިފްތިތާޙްކުރެވުނު އައިލެންޑް ފަޔަރ ރެސްޕޮންސް ޓީމަކީ ނޮވެންބަރު 12 އިން 18 އަށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް ގުޅިގެން ތޮއްޑޫގެ ރައްޔިތުންނަށް ހިންގި ކޮމިޔުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރސް ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތައް ހިމަނައިގެން އެކުލަވާލެވިފައިވާ ޓީމެކެވެ. މި ރަސްމިއްޔާތުގައި، ޕްރޮގްރާމު ފުރިހަމަކުރި ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.


ތޮއްޑޫން އަށް ފިރިހެނުންނާއި ތިން އަންހެނުން ބައިވެރިވި މި ޕްރޮގްރާމުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ފަޔަރ ބިހޭވިއަރ، ޕޯޓަބަލް ފަޔަރ އެކްސްޓިންގުއިޝަރސް، ރޯޕްސް އެންޑް ނޮޓްސް، އިންސިޑެންޓް ކޮމާންޑް ސިސްޓަމް، ފަޔަރ ހޯސް ނޮޒްލްސް އެންޑް އެޕްލަޔަންސަސް، ޕަމްޕްސް އެންޑް ޕްރައިމަރސް، ފަޔަރ ސްޓްރީމް، ވިކްޓިމް ކެރީއިންގ މެތަޑްސް، އަދި ޑިފެންސިވް ފަޔަރ ފައިޓިންގގެ ބައިތައް ހިމެނެއެވެ. މީގެއިތުރުން ފިޒިކަލް ޓްރެއިނިންގެ ކުލާސްތައް ވެސް ވަނީ ޕްރޮގްރާމުގެ ބައިވެރިންނަށް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ހަވާސާގައި އއ.ތޮއްޑޫ ސްކޫލުގެ 80 ބެލެނިވެރިންނަށް، ގޭތެރޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއާއި، ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް އަޙްމަދު ޣިޔާޘް ބައިވެރިވެވަޑައިގެންނެވިއެވެ.